JP | Jumhooree Party

Source: https://jumhooree.org/jumhooreeparty

Archived: 2026-04-23 17:14

JP | Jumhooree Party
ޖުމްހޫރީ ޕާޓީ
ޕާޓީގެ މައިގަނޑު މަޤުޞަދުތަކަކީ، ދިވެހި ރައްޔިތުންގެ އިސްލާމީ ވަޙުދަތާއި، ޤައުމީ މިނިވަން ކަމާއި ސިޔާދަތު ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި ރައްޔިތުން އެދޭ، ރައްޔިތުންނަށް މަސްލަހަތުހުރި، ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ސިޔާސަތުތަކެއް ތަންފީޒުކުރާ ދިވެހި ރައްޔިތުންގެ ވެރިކަމެއް ޤާއިމުކޮށް، އާލާކޮށް ދެމެހެއްޓުމެވެ. މިގޮތުން، ރައްޔިތުންގެ ހަރުދަނާ ސަރުކާރެއް ދިވެހި ރައްޔިތުންނަށް ލިބިދީ ދިވެހިރައްޔިތުންނަށް އަންނަނިވި ކަންކަން ހާޞިލު ކޮށްދިނުން މިޕާޓީގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ޕާޓީގެ ސިޔާސަތު
ދީން
ޕާޓީގެ މައިގަނޑު މަޤުޞަދުތަކަކީ، ރާއްޖެއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ޤައުމެއްގެ ގޮތުގައި ދަމަހައްޓައި، ފުރިހަމަ މިނިވަންކަން ލިބިގެންވާ، އަމިއްލަ ވެރިކަންކުރާ، ޑިމޮކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަކީ މިޕާޓީގެ އެންމެމަތީ މަޤްޞަދެވެ.
ޤައުމީ ސަލާމަތު
ދިވެހިރާއްޖޭގެ އަމިއްލަވެރިކަން ރަށްކާތެރިކޮށް، ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ޤާނޫނު އަސާސީ ހިމާޔަތްކޮށް، ދިވެހިރާއްޖޭގައިއުޅޭ އެންމެހާ މީހުންނަށް ސުލްހަވެރިކަމާއި އަމަންއަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނޭ މަގުތަށް ކަށަވަރުކޮށްދިން.
ހަމަހަމަ އަދުލު އިންސާފް
އަދުލުއިންސާފްގެ ނިޒާމަކީ، ދިވެހި ކޮންމެ ރައްޔިތަކަށްމެ އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ އުސޫލެއްގެ ތެރެއިން ފައިސަލާކުރެވޭ ނިޒާމެއްކަން ކަށަވަރުކޮށްދިނުން.
ހެޔޮވެރިކަން
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ، ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވާ، ފުދުންތެރި، ލުއިފަސޭހަ، އުފާވެރި އަމާން ދިރިއުޅުމެއް ލިބިދޭނެ ވެރިކަމެއް އެކުލަވައިލުން.
ދުޅަހެޔޮ ޖީލަކަށް އަގުހުރި ދަރީން
ތަޢުލީނިޒާމުގެ ތެރެއިން އިސްލާމްދީނަށް ލޯބި ކުރާ، ހުއްބުލްވަޠަންގެ ރޫހު އަށަގެންފައިވާ، ޤައުމިއްޔަތާއި، ތަރިކައާއި، ޘަޤާފަތަށް ރައްކާތެރިވާ، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ، ހަމަހަމަ އުނގެނުމުގެ ފުރުޞަތު ފަހިވެފައިވާ ފަޚުރުވެރި ދަރިން ބިނާކުރުން.
ސިއްޙަތުގެ ދުޅަހެޔޮކަން
ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި، ރައްކާތެރިކާތެރިކަން ލިބިދޭންޖެހޭ އުމުރުން ދުވަސްވީ މީހުންނާއި، ޙާއްސައެހީއަށް ބޭނުންވާ މީހުން ހިމެނޭހެން، އެންމާ ރައްޔިތުންނަށް އެކަށީގެންވާ ސިއްޙީ ފަރުވާ ފޯރުކޮށްދިނުން.
ފެހި ތިމާވެށި
އިޤްތިޞާދީ، އިޖުތިމާއީ އަދި އުމްރާނީ ކުރިއެރުން ހޯދުމަށް ކުރެވޭ އެންމެހާ ކަންކަމަކީ، ތިމާވެއްޓާއި ރައްޓެހި މަސައްކަތްތަކަކަށްހަދައި، ދިވެހިރާއްޖޭގެ ޤުދުރަތީ ވެއްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދުރަތީ ވަސީލަތްތަކާއި، ރީތިކަން މިހާރާއި، އަންނަންއޮތް ޖީލުތަކުގެ މަންފާއަށްޓަކައި، ރައްކާތެރިކަމާއިއެކު ފޯރުކޮށްދިނުން.
އިޤްތިޞާދުން މިނިވަންކަން
ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި، އިންސާނީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށް، ދިވެހި ރައްޔިތުނަށް ރާއްޖޭގައި ދެމެހެއްޓެނިވި އިޤްތިޞާދެއް ބައްޓަންކޮށްދީ، ފުދުންތެރިކަމާއި، ފޯރުންތެރިކަށް ލިބިދިނުމާއިއެކު، ކޮންމެ ރައްޔިތަކަށްމެ މިނިވަންކަމާއެކު ވިޔަފާރިކުރުމުގެ މާހައުލެއް އުފައްދައިދިނުން.
ފަހި ބޯހިޔާވަހިކަން
ދައުލަތުގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން އަބުރުވެރި، ރައްކާތެރި، ފުދުންތެރި، ލުއިފަސޭހަ އަދި އުފާވެރިކަމާއި އަމާންކަމާއެކު ދިރިއުޅެވޭނޭ ގޮތް ތަނަވަސްކޮށްދިނުން.
އެންމެނަށް ފަތުރުވެރިކަން
ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި، ރީތިކަން ހެޔޮގޮތުގައި ބޭނުންކޮށް، ދިވެހި އެންމެހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު ފަތުރުވެރިކަމުގެ ނަފާލިބޭނޭހެން، ތިމާވެއްޓާރައްޓެހި ފަތުރުވެރިކަމުގެ ސިޔާސަތެއް އެކަށައަޅައި، ކޮންމެ މީހަކަށްމެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުން..
ފަޚުރުވެރި މަސްވެރިޔާ
ދިވެހި ކަނޑުތައް ހިމާޔަތްކޮށް، ކަނޑުތަކުގެ މުއްސަނދިކަމުގެ ޚަޒާނާއިން ދިވެހިންނަށް ހަމަހަމަ ކަމާއެކު ނަފާވާނޭހެން، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެންމެ ފުރިހަމަ މަންފާއެއް ހޯދައިދިނުން.
ޝަރަފުވެރި ދަނޑުވެރިޔާ
ދަނޑުވެރިކަމުގެ ސިނާއަތުން ފުރިހަމަ މަންފާ ލިބޭނޭހެން، ބޭނުންވާނޭ އާލާތްތަކާއި، ވަސީލަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދީ، އުފެއްދުންތަކަށް އެކަށޭނަ ނަފާ ލިބޭނެ، ދެމެހެއްޓެނިވި ވިޔަފާރީގެ ފުރުޞަތު ފަހިކޮށްދިނުން.
ހަލުވި ދަތުރު ފަތުރު
ދިވެހިރާއްޖޭގެ ކޮންމެ ރަށަކާއި މާލެއާއި ދެމެދު ވަޔާއި ކަނޑުމަގުން ފަސޭހަކަމާއެކު އައިސް ގޮސް ހެދޭނެ ގުޅިލާމެހިފައިވާ ހަލުވި ދަތުރުފަތުގެ ނިޒާމެއް ގާއިމުކޮށް، ދަތުރުފަތުރު ކުރުމުގެ ހިދުމަތަކީ އަސާސީ އަދި އަގުހެޔޮ ހިދުމަތެއްގެ ގޮތުގައި ތަރައްގީކުރުން.
ޤަދަރުވެރި ކަނބަލުން
އަންހެން ކަނބަލުންނަކީ މިނިވަންކަމާއި، ހަމަހަމަ ފުރުސަތުތަކެއް ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ލިބިފައިވާ، ތަޢުލީމީ ހުނަރުވެރި ގަދަރުވެރި ބަޔަކަށް ހެދުން.
އަބުރުވެރި ޒުވާނާ
ޒުވާނުންނަކީ ހުނަވެރިކަން ކުރިއެރުވުމާއެކު، ވަޒީފާގެ ފުރުސަތައް ތަނަވަސްވެފައިވާ، ވިޔަފާރި ކުރެވޭނެ ގޮތްތަކަކަށް މަގުފަހިވެފައިވާ ބަޔަކަށް ހެދުމުގެ އިތުރުން، އެބައިމީހުންގެ އުފެއްދުންތެރިކަމުން ބައިނަލް އަގުވާމީ މައިދާނުގައި ނަން ހިނގާނެ ބަޔަކަށްވެފައި، މުނިފޫހި ފިލުވޭނޭ މަގުތައް ތަނަވަސްވެފައި ބައެއް ގޮތުގައި މަޖުތަމައުއަށް ނެރުން.
ކުޅިވަރުން ދުޅަހެޔޮކަން
ކުޅިވަރަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާނޭ ގޮތެއްގައި، ޒަމާނީ ކުޅިވަރުތައް ގައުމީ ފެންވަރެއްގައި ތަރައްގީކޮށް، ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ގާއިމުކޮށް، ބައިނަލް އަގްވާމީ މައިދާނުގައި ރަންވަނަ ތަކެއް ކޮންމެ ކުޅިވަރަކުން ލިބޭނެ ގޮތެއްގައި ތަމްރީނާއި ވަސީލަތްތައް ގާއިމުކޮށް ދިނުން.
ޕާޓީގެ މަޤްސަދު
ދިވެހި ޤައުމުގެ އިސްލާމީ ވަޙުދަތާއި، ޤައުމީ މިނިވަން ކަމާއި ސިޔާދަތު ނެގެހެއްޓުމާއި ދެމެހެއްޓުން.
ދިވެހިރައްޔިތުންނަށާއި، ދިވެހިރައްޔިތުންކުރެ ވަކިވަކި ފަރުދުންނަށާއި، އެބައިމީހުންގެ ޢާއިލާތަކަށާއި، އެބައިމީހުންގެ މުޖުތަމަޢުތަކަށް، ދިވެހިރާއްޖޭގެ ސިޔާސީ ވިސްނުމާއި ތަރައްޤީގެ ލަނޑުދަނޑިތައް ބައްޓަން ކުރުމުގެ ފުރުޞަތާއި ބާރު ލިބިދީ، އެކަން އެގޮތުގައި ދެމެހެއްޓުން.
ނަސްލަށް، ނަޞަބަށް، ޖިންސަށް، ރަ ށްވެހިކަމަށް، ފައިސާވެރިކަމަށް އަދި ޚިޔާލު ތަފާތުވުމާއި ސިޔާސީ ފިކުރިއްޔާތަށް ނުވަތަ އެނޫންވެސް އެހެން އެއްވެސް ކަމެއްގެ މައްޗަށް ބިނާކޮށް ވަކި ބަޔަކަށް ތަފާތުނުކުރާ، ޢަދުލާ އިންސާފާއި، ޤާނޫނީ ހަމަތަކުން ހިންގާ ވެރިކަމެއް ދިވެހިރާއްޖޭގައި ޤާއިމްކޮށް ދެމެހެއްޓުން.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ، ރައްޔިތުންގެ ޙައްޤުތަކަށް ރައްކައުތެރިވާ، ފުދުންތެރި، ލުއިފަސޭހަ، އުފާވެރި އަދި ބާއްޖަވެރި ދިރިއުޅުމެއް އަދި ފަރްދުންނާއި އެމީހުންގެ އާއިލާތަކަށް ލިބިދޭނޭ، ޤާބިލު، ޒިންމާދާރު ވެރިކަމެއް އެކުލަވާލާ ދެމެހެއްޓުން.
ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ރާއްޖޭގެ އިޤްތިޞާދު ބައްޓަންކޮށް، ދިވެހި ރައްޔިތުން ނާއި، ދިވެހި ރައްޔިތުންކުރެ ވަކިވަކި ފަރު ދުންނާއި، އެބައިމީހުންގެ ޢާއިލާތަކަށާއި، އެބައި މީހުންގެ މުޖުތަމަޢުތަކަށް ފުދުންތެރިކަމާއި ފޯރުންތެރިކަން ލިބިދިނުން.
ރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ލިބިދީ، ޙައްޤާއި ޢަދުލު އިންސާފުން ހިނގާ ނިޒާމެއް އާލާކޮށް، ރައްޔިތުން މިފަދަ ނިޒާމަކަށް އަހުލުވެރިކޮށް، ރައްޔިތުންގެ ހަމަހަމަކަމަށް ބުރަވެ ތަންފީޒުކުރާ އުޞޫލީ މިންގަނޑަކުން ހިންގާސަރު ކާރެއް އެކުލަވާލާ ދެމެހެއްޓުން.​
ނުފޫޒާއި އާއިލީ ނުވަތަ ފަރުދީ ގުޅުމުން ނަތީޖާ ހޯދުމުގެ އާދަ ނައްތާލާ، ބޭނުންވާ އަސާސީ ޚިދުމަތްތައް ކޮންމެ ރައްޔިތަކަށްވެސް ޙައްޤާއި ހަމައިން އެއް އުޞޫލަކުން ލިބިދެވޭނޭ ނިޒާމެއް އާލާކޮށް ހިންގާ ސަރުކާރެއް އެކުލަވާލާ ދެމެހެއްޓުން.​
ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ބޮޑު، ފައިދާ ކުރަނިވި ސިޔާސަތުތަކެއް އެކުލަވާލާ އެސިޔާސަތުތަކަށް އަމަލުކުރާ ސަރުކާރެއް އެކުލަވާލާ ދެމެހެއްޓުން.​
ދިވެހިރާއްޖޭގެ ޤައުމީ މުއްސަނދިކަން އިންސާފުވެރި އަދި ހަމަހަމަ ގޮތަކަށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން.​​​